Monday, May 07, 2012

ދިވެހި ޤައުމު އަނދަވަޅެއްގެ ތުންފަތް މައްޗަށް - ރައީސް މައުމޫނު ޕީޕީއެމްއާއި އެކު އާއުސްމިންތަކަކަށް: ދެންވާނީ ކިހިނެއްބާ!؟

ހޮނިހިރު ދުވަހުގެ ރޭ ފުވައްމުލަކުގައި ބޭއްވުނީ ޕީޕީއެމްގެ ވަރަށް ޚާއްޞަ ޖަލްސާއެކެވެ. "އެކަލް އެކަޑަހަ މިކަލް މިކެޑަހަ ދެކަލް ދެކެޑަހަ" ވިދާޅުވަމުން ފަޚުރުވެރި ފޯއްމުލަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖުލީހުގެ މެމްބަރަކު އަނެއްކާވެސް ޕީޕީއެމްއާ ގުޅިވަޑައިގަތީއެވެ. ޕީޕީއެމްއަށް މަޖުލީހުގެ މެމްބަރަކު އިތުރުވީއެވެ. އެޕާޓީ އިތުރަށް ވަރުގަދަ ވަނީތޯއެވެ؟ ނުވަތަ އިއްތިހާދުގެ ސަރުކާރު އިތުރަށް ވަރުގަދަވަނީތޯއެވެ؟ ޤައުމު ފަގީރުކަމާއި، ބަނޑުހައިހޫނުކަމުގެ ތެރެއަށް ވެއްޓެން މިއޮށްގެން ދާއިރު ބައިނަލް އަގުވާމީ މުޖުތަމަޢު ޝައްކުގެ ނަޒަރަކުން ރާއްޖެއާއި މެދު ބަލަމުންދަނީއެވެ. ޤައުމުގެ ކުރިއެރުން ހުއްޓި، ހަމަނުޖެހުން އިތުރުވެ، މުޒާހިރާކުރުން އާއްމުވެ، އިޤްތިޞާދީ ޙަރަކާތްތައް ވަޅުޖެހި، ރައްޔިތުން ނިކަމެތިވެގެން ދަނީއެވެ. މިފަދަ ދަނޑިވަޅެއްގައި އެއިންކަމަކަށް މާބޮޑު ފަރުވާލެއް ނުބަހައްޓަވާ، އަމިއްލަފުޅު ވިސްނުމާ އެއްގޮތަށް ސިޔާސީ ވާހަކަފުޅު ދައްކަވާ، ރައީސް މައުމޫނު ހިންގަވާ ސިޔާސީ ހަރަކާތްތަކުގެ ބޭނުންފުޅަކީ ކޮބައިތޯއެވެ؟ އަދި މިކަމުގެ ނަތީޖާ ނުކުމެދާނެ ގޮތްތަކަކީ ކޮބައިތޯއެވެ؟ މިދަނޑިވަޅުގައި ޤައުމަށްވުރެ، ޕާޓީގެ ސިޔާސީ ޙަރަކާތްތައް އިތުރު ކުރައްވަމުން ރައީސް މައުމޫނު ގެންދަވާ ސަބަބުގެ މައްޗަށް ވިސްނާލަން އެބަޖެހެއެވެ.

އާދެ! ރައީސް މައުމޫނު ބައިވެރިވެ ވަޑައިގެން ހިންގަވާ ސިޔާސީ ހަރަކާތްތަކުގެ އެންމެ ބޮޑު އެއްބޭނުމަކަށް މިވަގުތު ވާނީ ވެރިކަން ބަދަލުވި ގޮތާއި މެދު އުފެދޭ ސުވާލުތައް އަދި އަވަސް އިންތިޚާބެއް ބޭއްވުމަށް ރައީސް ޑރ. ވަޙީދަށް ހުރި ޕްރެޝަރތަކުގެ އަމާޒް އެހެން ދިމާލަކަށް އަބުރުވާލުން ކަމުގައި ވުން ވަރަށް ގާތެވެ. ރައީސް މައުމޫނަށް ވަރަށް ރަގަޅަށް އެގިވަޑައިގަންނަވާނެ ގޮތުގައި، އެމަނިކުފާނުގެ ކުޑަވެސް ހިލަމެއް ވެއްޖެ ނަމަ 'މަރުވެފައި' ތިބެފަވެސް އެމްޑީޕީގެ ޢާއްމު މެމްބަރުންނާއި އެކު ރައީސް ނަޝީދު 'ދިރޭނެ'އެވެ. އެހެން ހުރިހާކަމެއް ހުއްޓާލާފައި އެމަނިކުފާނާއި ދެކޮޅަށް ތެދުވާނެއެވެ. އެހެންކަމުން ރައީސް މައުމޫނު މިހިންގަވާ ސިޔާސީ ހަރަކާތްތަކުގެ ސަބަބުން އަވަސް އިންތިޚާބަކަށް ގޮވާލަމުން މަގުތަކަށް ނުކުންނަ މީހުންގެ އަމާޒު ރައީސް ޑރ. ވަޙީދުއާއި ދިމާއިން ނެއްޓި ރައީސް މައުމޫނަށް އަމާޒުކުރުވުމަކީ އެއްބޭނުމަކަށް ވާނެއެވެ.

ލަފާކުރެވޭގޮތުގައި ރައީސް މައުމޫނުގެ މިހަރަކާތްތަކަށް މިހާރުވެސް ރައީސް ނަޝީދުގެ ސަމާލުކަން ހުއްޓި އެކަމަށް ޖަވާބު ދެއްވުމުގެ ޙަރަކާތްތައް ހިންގަވަން ފައްޓަވައިފިއެވެ. ލިބިފައިވާ މަޢުލޫމާތު ކުށްކަމުގައި ނުވަނީ ނަމަ މައުމޫނު ފޯއްމުލަކުގައި ބޭއްވެވި ޕީޕީއެމްގެ ކުލަގަދަ ޖަލްސާގެ ޖަވާބުގައި ރައީސް ނަޝީދުވެސް ދ. މީދޫގައި ވަރަށް ކުލަގަދަ ގޮތެއްގައި އެރަށުގެ ބަދަރު އިއްޔެ ހުޅުއްވައި ދެއްވައިފިކަމަށްއެވެ. އެހެންވެ، މިހާރު މިފެންނަ މަންޒަރަކީ، އެއްގޮތަކުން ވިއްޔާ ރައީސް ޑރ. ވަހީދުގެ "އެއްބައިވަންތަކަމުގެ ސަރުކާރާއި" އެ ސަރުކާރުގެ އިސްބައިވެރީން ކަނދުގަނޑަކަށް އަރުވާފަ އޮޔާ ދުއްވާލާފައި، އަންނަން އޮތް އިންތިޚާބަކަށް ރައީސް މައުމޫނާއި ރައީސް ނަޝީދު ނުސީދާގޮތުން ކުރިމަތި ލައްވައިގެން ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާ މަންޒަރެވެ.

ރައީސް މައުމޫނުގެ މިޙަރަކާތްތަކުގެ ދެވަނަ ބޭނުމެއް ހިއްޕެވޭނެ ގޮތަކީ، އަވަސް އިންތިޚާބަކަށް ގޮވާލާ ކޮމަންވެލްތްގެ ފަރާތްތަކަށް، ރާއްޖޭގެ ރައްޔިތުން ދަނީ އަވަސްވުމަށް ވުރެ ބޮޑަށް 'ފަހުގެ އިންތިޚާބަކަށް' ތައްޔާރުވަމުން ކަމަށް ދެއްކުމެވެ. އަދި ޕީޕީއެމްވެސް އެޕާޓީގެ ގައުމީ ޖަލްސާއަށް އިދާރީގޮތުން ތައްޔާރުވުމަށްޓަކައި ރަށްރަށުގައި ގޮފިތައް ގާއިމުކޮށް ، ގޮފިތަކުގެ އިންތިޚާބު ބާއްވައިގެން، ކުރަންޖެހޭ ތައްޔާރީތައް ގިނަކަމާއި، އެހެންކަމުން އަވަސް އިންތިޚާބެއް ބާއްވައިފި ނަމަ ޕީޕީއެމްއަށް ބައިވެރިވާން ދަތިވާނޭ ކަމުގެ ހުއްޖަތް ބައިނަލް އަގުވާމީ ފަރާތްތަކަށް ދެއްކެވުމެވެ. އަދި ސަރުކާރުގެ މުހިއްމު މަޤާމުތަކުގައި އެމަނިކުފާނުގެ ބޭބޭފުޅުން ތިއްބެވިޔަސް އެމަނިކުފާނު ޙަރަކާތް ކުރައްވަނީ ރައްޔިތުންނާއި އެކު ހަމައެކަނި ޕާޓީ ފެންވަރުގައި ކަމަށް ދެއްކެވުމެވެ. އަދި އެގޮތުން ސަރުކާރު ބަދަލުވެގެން ދިޔަގޮތާއި މެދު އުފެދޭ ސުވާލުތަކުގެ އެއްވެސް މަޢުލޫމާތެއް އެމަނިކުފާނަށް 'އެނގިވަޑައި ނުގަންނަވާނެކަން" ދުނިޔެއަށް ދެއްކެވުމެވެ.

ނަމަވެސް ރައީސް މައުމޫނު މިފަދަ ދަނޑިވަޅެއްގައި މަޖުލީހުން އިތުރު މެމްބަރަކު ޕީޕީއެމްއަށް ހޯއްދަވައިގެން ސިޔާސީ ގޮތުން އާ އުސްމިނަކަށް އަރާވަޑައިގަތުމުން ދެންނ ނުކުންނާން އޮތް ނަތީޖާ މާ ގެއްލުން ބޮޑުކަމަށް މިހާރު އެބަ ފެނެއެވެ. އެންމެ ފުރަތަމަކަމަކީ، ޕީޕީއެމްގެ އެތެރޭގެ ވާދަވެރިކަން މިކަމުގެ ސަބަބުން އިތުރުވެ، ޕާޓީ ބައިބައިވާން ފެއްޓުމެވެ. ސަބަބަކީ އޮނަރަބްލް ޢަބްދުﷲ ޔާމީންއާއި، ދައުލަތަށް ގިނަދުވަހު ޚިދުމަތްކުރާއްވާފައިވާ އިއްޒަތްތެރިޔާ އަލްފާޟިލް އިލްޔާސް އިބްރާހީމްއާއި، ޒުވާން ޢުމަރު ނަސީރު ފަދަ ރިޔާސީ އުއްމީދީ ލީޑަރުން، މައިދާނަށް ނުކުތުމުގައި އެބޭފުޅުންގެ ކުރިމަގަށް ހުރި ހުރަހެއްގެ ގޮތުގައި މިހާރު ރައީސް މައުމޫނު އެބޭފުޅުންނަށް ފެނިގެން ދާނޭތީއެވެ. މިއީ މިދެންނެވި ބޭބޭފުޅުންނަށް އަދި މިބޭބޭފުޅުންނަށް ތާޢީދުކުރާ މީހުންގެ ހިތުތެރޭގައި ފޮރުވައިގެން ތިބެވޭވަރުގެ ކަމަކަށް ނުވާނެއެވެ. އެއަށްވުރެ އިންތިޚާބަކާއި މިދެމެދުގެ ވަގުތު ދަނީ ކުޑަތަން ވަމުންނެވެ. ވީމާ މިނުތަނަވަސްކަން ބޭރަށް ފަޅައިގެން ދިޔުން އެއީ މިހާރުދެން އެންމެ އަވަހަށް ފެންނާނެ މަންޒަރުކަމަށް ބެލެވެއެވެ.

އަނެއްކޮޅުން ރައީސް ޑރ. ވަހީދުގެ ސަރުކާރުގައި ބައިވެރިވެގެން ތިބި ވިޔަފާރިވެރިންގެ ޕާޓީތަކުންވެސް ރައީސް މައުމޫނުގެ މިހަރަކާތްތައް ނަންގަވާނީ ނުރައްކާތެރި ސިގްނަލެއްގެ ގޮތުގައެވެ. ޖުމްހޫރީ ޕާޓީއާއި، ޑީއާރުޕީ، ގައުމީ ޕާޓީއާއި އަދާލަތު ޕާޓީން އެކި ގޮތްގޮތަށް ކުލަބަދަލުކޮށް ރައީސް މައުމޫނު އެބުރި އާއުސް މިނަކަށް އަރާވަޑައިގަތުމާއި ދެކޮޅަށް ވަރަށް ވަރުގަދަޔަށް ތެދުވާނެއެވެ. މިހުރިހާ ކަމެއްގެ ނަތީޖާއަކަށް ވާނީ، އެއްބައިވަންތަކަމުގެ ސަރުކާރު ބައިބައިވުމެވެ. ރާއްޖެ އިތުރު ހަމަނުޖެހުން ތަކެއްގެ ތެރެއަށް ވެއްޓި، އިގުތިޞާދީ ހިނގުން ހުއްޓި، ރައްޔިތުން ބިކަވެ ޙާލުގައި ޖެހެމުން ދިޔުމެވެ. ވެރިކަމުގެ ނިޒާމު ގެއްލި ފަސާދައާއި ކަރަޕްޝަން ހުރިހާ ހިސާބެއްގައި އާއްމުވުމެވެ. ޤާނޫނުގެ ބާރުކެނޑި ބޮޑުންގެ ބަހަކީ ހަމަ ކަމުގައި ވެގެން ދިޔުމެވެ. މިހުރިހާ ކަމަކާއި ދެކޮޅަށް ދެނތެދުވާނީ ރާއްޖޭގެ އާޒުވާނުންނެވެ. އެންމެ އާދައިގެ ރައްޔިތުންނެވެ. ރާއްޖޭގެ ފަޚުރުވެރި ލަޝްކަރީންނާއި ފުލުހުންގެ ހިތްވަރާއި އެކުގައެވެ. އެއީ މިހެން ދިމާވި އެހެން ޤައުމުތަކުގައި ވެސް މިކަން ހިނގާ ދިޔަ ގޮތެވެ.